މެޑިސިން ސްކޫލު ދަރިވަރުންނަށް ހޮސްޕިޓަލް އަލުން ދީފި

Thu, 09 May 2024 04:19 PM

View on this article on Sun Online

މެޑިސިން ސްކޫލު ދަރިވަރުންނަށް ހޮސްޕިޓަލް އަލުން ދީފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން އެދުނު ގޮތަށް އެ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ ވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.



ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، މިދިޔަ މަހު 26ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަށް ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެއްވައިފައިވާ ކަމަށެވެ.

އެއާއެކު މިއަދުވަނީ އަލުން ދަރުމަވަންތަ ހޮސްޕިޓަލްގައި މެޑިސިން ސްކޫލު ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އަންގައިފައެވެ.

ރައީސް އޮފީހުން ބުނީ ކިޔަވާ ކުދީންނާ ގުޅުންހުރި އެ ފަދަ ކޮންމެ ކަމެއްގައާއި، ސިއްހީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމްދަނީއާ ފުދުންތެރިކަމާ ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވާ ކަމަށެވެ.

މެޑިސިން ސްކޫލު ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުން ބަދަލުކުރަން ނިންމީ، އެ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުންނެވެ. އެއާއެކު ދަރިވަރުން މަގުމަތިވާނެކަމަށް ބުނެ، މެޑިސިން ކިޔަވާ ދަރިވަރުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއާއެކު މިހާރު ވެސް މެޑިސިން ސްކޫލެއް ހުޅުމާލޭގައި ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



More from Sun Online