ސިޓީ ކައުންސިލުން މާދަމާ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ

Thu, 09 May 2024 03:57 PM

View on this article on Sun Online

ސިޓީ ކައުންސިލުން މާދަމާ ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ

މަލޭ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ގުޅިގެން ކުލަގަދަކޮށް މާދަމާ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ނިންމައިފިއެވެ.



ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ދުވަސް ފާހަގަކުރަނީ "އާއިލީ ހަވީރު" މި ނަމުގައި ކަމަށެވެ. ސަބަބަކީ މި އަހަރުގެ މަންމައިންގެ ދުވަހާއި އާއިލީ ދުވަސް ވެސް ސިޓީ ކައުންސިލުން ފާހަގަކުރުމުގެ ގޮތުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުގައި ބާއްވާ މި އިވެންޓު ފެށޭނީ ހަވީރު 3:30 ގައެވެ. ނަމަވެސް، މޭޔަރު ހަވީރުގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވާނީ ހަވީރު 4:00 ގައެވެ. މި ހަވީރުގެ ހަރަކާތްތައް މާދަމާ 06:00އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. އަދި، 06:00 އިން 8:00އަށް މި ހަރަކާތް މެދުކަނޑާލުމަށް ފަހު 8:00 އިން 10:00 އާ ހަމައަށް ކުޅިވަރުތައް ކުރިއަށް ގެންދާނެއެވެ.

މި އިވެންޓުގައި ގިނަ އަދަދެއްގެ ގޭމުތައް ކުޅެވޭނެ އިންތިޒާމް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ވާޗުއަލް ރިއަލިޓީގެ ގޭމްތަކާއި ހުނަރު ދައްކާލުން ފަދަ ގިނަ ހަރަކާތްތައް ކުރިއަށް ދާނެއެވެ. އަދި، ފޭސް ޕެއިންޓް ކުރުމާއި ފުޑް ސްޓޯލްތައް ވެސް އެ ސަރަހައްދުގައި ހުންނާނެއެވެ. މި ގޭމްތަކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ.

މީގެ އިތުރުން، އާއިލީ ހަވީރުގައި ސްޓޭޖް ޝޯއާއި ބޮޑުބެރު ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ސިޓީ ކައުންސިލުން ބުނީ، އާއިލީ ދުވަހެއް މިހާ ކުލަގަދަކޮށް ފާހަގަކުރުމުގެ ބޭނުމަކީ އާއިލާތައް އެއް ތަނެއްގައި މަޖާކޮށް ހެލިފެލިވުން ކަމަށެވެ. މި އާއިލީ ހަވީރުގައި ބައިވެރިވާ ހުރިހާ ކުދިންނަށް ވެސް އިނާމެއް ލިބުމަކީ ހަވީރުގެ މަގުސަދެއްކަން ޑަބްލިއުޑީސީގެ ރައީސް ފާތިމަތު ޝިފާ ފާހަގަކުރެއްވިއެވެ.

"މިހާރު ގޭތެރޭގައި ތިބެގެން ވަރަށް ގިނައިން ގޭމު ކުޅެ ކަންކަން މި ކުރަނީ. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންގެ ޑަބްލިއުޑީސީއާއި ކައުންސިލާ ގުޅިގެން އަމަލީ ގޮތުން ބައިވެރިވެވޭ ކުޅިވަރުތައް ކުރިއަށް ގެންދާނަން،" މޭޔަރު އާޒިމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މާދަމާ މާލޭގައި އާއިލީ ހަވީރެއް ބާއްވާއިރު، މި ހަފުތާ ބަންދުގައި ކުދަކުދީންގެ ދުވަހާ ގުޅިގެން ފެމިލީ އެމްޕަވާމަންޓު މިނިސްޓްރީން ބާއްވާ ޚާއްސަ ކުޑަކުދިންގެ ފެސްޓިވަލެއް ހުޅުމާލޭގައި އޮންނާނެއެވެ.

މާދަމައާއި އޭގެ އަނެއް ދުވަހު ވެސް އެ ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ރާވައިފައެވެ.



More from Sun Online