އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެންނަނީ، 11 މިލިއަން ރުފިޔާ ހަރަދުކުރާނެ

Thu, 09 May 2024 04:12 PM

View on this article on Mihaaru

އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެންނަނީ، 11 މިލިއަން ރުފިޔާ ހަރަދުކުރާނެ

މާލޭގެ ރަސްމީ ފާލަން، އިއްޒުއްދީން ފާލަން މަރާމާތުކުރާއިރު، އެ ފާލަމުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

އިއްޒުއްދީން ފާލަން މަރާމާތުކުރުމަށްޓަކައި އެ ފާލަން ހެދި އެމްޓީސީސީން ވަނީ މީގެ ދެތިން ދުވަސްކުރިން އެ ސަރަހައްދުގެ ވަށައިގެން ފިލާ ޖަހައި ބަންދުކޮށްފަ އެވެ.

އެ ސަރަހައްދުގައި ވަށައިގެން ޖަހައިފައި ހުރި ފިލާގައި އިން ޕޯސްޓަރެއްގައިވާ ގޮތުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހަވާލުކޮށްގެން އެމްޓީސީސީން އެ މަސައްކަތް ކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. އަދި ޕްރޮޖެކްޓުގެ އަގަކީ 11.7 މިލިއަން ރުފިޔާ އެވެ.

އިއްޒުއްދީން ފާލަމަށް ބަދަލު ގެންނަ ޕްރޮޖެކްޓުގެ ތަފުސީލު ހިމެނޭ ޕޯސްޓަރު.

އެ ޕޯސްޓަރުގައި ވަނީ ފާލަމަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް ވެސް ހިމަނައިފަ އެވެ. އެ ކުރެހުމުން ފެންނަ ގޮތުގައި، ފާލަމުގެ މަތީގައި މިހާރު ރިޔަލެއް ގޮތަށް ހުންނަ ހުދު ކުލައިގެ ސަތަރިތައް ނަގައި ފުރާޅެއް ލާނެ އެވެ. އެ ޑިޒައިން ބޮޑަށް ވައްތަރީ ރަސްމީ ފާލަން އެންމެ ކުރީގައި ހުރި ގޮތާ އެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު "މިހާރު" އަށް ވިދާޅުވީ، އިއްޒުއްދީން ފާލަމަށް ބޮޑު މަރާމާތެއް ބޭނުންވީ، ރަނގަޅަށް މެއިންޓެއިން ނުކުރުމުން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. އެ ކަމަކު ބަދަލު ގެނެސް މަރާމާތު ކުރަނީ ފާލަމުގެ މަތީބައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައުންޑޭޝަން ހުރި ގޮތަށް ބަހައްޓާފައި މަތީ ސްޓްރަކްޗާ އަޅުގަނޑުމެން މަރާމާތުކޮށް، ބަދަލުތަކެއް ގެންނާނީ. ފާލަމުގެ އަޑިއަށް ޖަހާފައިވާ ތަނބުތައް ވެސް ހަމަ އެ ގޮތުގައި ބަހައްޓާނެ. މިހާރު ވާ ގޮތަކީ ފާލަން ހަދާފައި ހުރި ގޮތުން މެއިންޓެއިން ކުރަން ވެސް އުނދަގުލީ. ހާއްސަކޮށް މިދިޔަ ފަސް އަހަރު ރަނގަޅަށް ނުބެލެހެއްޓުމުން ދަގަނޑުތަކުގައި ދަބަރު ޖަހާފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފާލަން މިހާރު ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ.

"އެހެންވެ، މިހާ ބޮޑު މަރާމާތަކަށް ބޭނުންވީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެ ފާލަމުގެ އެއް ބައި ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެ ބަޔާއި ފާލަމުގެ އިތުރު ބައިތައް ވެސް މަރާމާތުކުރަން ޖެހެ އެވެ.

މަރާމާތަށް ފަހު އަލުން ފާލަން ހުޅުވާނެ ދުވަހެއް އެމްޓީސީސީން އަދި ނުބުނެ އެވެ.

އިއްޒުއްދީން ފާލަމަށް ގެންނަ ބަދަލު ފެންނަ ޑިޒައިން.

އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކޮށްފައިވެ އެވެ. އެންމެ ފަހުން އެ ފާލަން މަރާމާތުކުރީ 2017 ވަނަ އަހަރު އެވެ.

ރަސްމީ ފާލަމަށް ބޮޑު ބަދަލެއް ގެނެސް "އިއްޒުއްދީން ފާލަން"ގެ ނަމުގައި އެތަން ރަސްމީކޮށް ހުޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު ދުވަހު އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 26، 2015 ގަ އެވެ.

ފައުންޑޭޝަން ހުރި ގޮތަށް.. މަތީ ސްޓްރަކްޗާ ބަދަ.. ދަގަނޑު...މެޓީރިއަލްސް.. ލަކުޑި... ޕްރިފެބްލް ގޮތަށް.. މެއިންޓެއިން ކުރުން.. ބޮލަށް ވެއްޓޭ ހިސާބުން... މެއިންޓެއިން ކުރެވޭ ގޮތަށް.. ބަލަހައްޓަން ފަސޭހަ ގޮތަކަށް ހެދުން.. އަޑިއަށް ޖަހާފައި ހުރި ތަނބުތައް ހަދަނާ.





More from Mihaaru