ދެ ގައުމުގެ އެއް ވިސްނުމަކަށް އައުމަކީ އެންމެ މަސްލަހަތު ހުރި ގޮތް: ޖައިޝަންކަރު

Thu, 09 May 2024 03:55 PM

View on this article on Mihaaru

ދެ ގައުމުގެ އެއް ވިސްނުމަކަށް އައުމަކީ އެންމެ މަސްލަހަތު ހުރި ގޮތް: ޖައިޝަންކަރު

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރާނެ ގޮތްތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ގައުމަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ދެ ބޭފުޅުން އެކުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ޒަމީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީ އަށް އެހީތެރިވާ އެންމެ މުހިންމު އެއް ގައުމު ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ވާހަކަތައް ކުރިއަށް ގެންދަވަނީ.

ރާއްޖޭގައި ހިނގާ އުމްރާނީ މަޝްރޫއުތަކާއި އިޖުތިމާއީ ސިއްހީ އަދި މީހުން ބިނާ ކުރުމުގެ ދާއިރާ އިން އިންޑިއާ އިން އެހީތެރިވެފައިވާ ކަން ޖައިޝަންކަރު ފާހަގަކުރެއްވި އެވެ. މިދިޔަ ދުވަސްތަކުގައި ރާއްޖެ އަށް މާލީ ގޮތުން ވެސް ބޮޑެތި އެހީތަކެއް އެ ގައުމުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔެ މި ދުވަސްވަރު އޮތީ އުނދަގޫ އަދި ނާޒުކު ހާލަތެއްގައި ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި ކޮވިޑް-19 އާއި ކާރިސާތަކާއި އިގްތިސާދީ ދަތި ދުވަސްތަކުގައި ފެނުން ފަދައިން އަވަށްޓެރިންނާ ގާތް ގުޅުމެއް އޮތުމަކީ ވަރަށް އަގުހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ގައުމުގެ ގުޅުން އެންމެ ރަނގަޅަށް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއް ވިސްނުމަކަށް އައުމަކީ ދެ ބައި މީހުންގެ މަސްލަހަތު އޮތް ކަމެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާ އަށް ފެއްޓެވި ދަތުރުގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު "މިހާރު" އަށް އިއްޔެ ވިދާޅުވީ، މި ދަތުރުގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމް އިތުރުކޮށް، ގުޅުން ހަރުދަނާ ކުރުމަށް ކަމަށެވެ.

"... އެއީ ދެ ގައުމުގެ އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުންނާއި އަދި ވިޔަފާރިވެރިންނަށް ވެސް އިހުތިރާމްކޮށް، ހުރިހާ ފެންވަރެއްގައި ވެސް ކުރިއަށް ނަގަހައްޓާނެ ގުޅުމަކަށް ހެދުމުގެ މައްޗަށް،" ދަތުރުގައި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ އެކު ބާއްވަވާ މަޝްވަރާތަކުގައި އިސްކަން ދެއްވާނެ ދާއިރާތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ސްޕީޑް އަވަސް ކުރުމާއި އެ ގައުމުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން ވެސް ޒަމީރު، ޖައިޝަންކަރާ މަޝްވަރާ ކުރައްވާނެ އެވެ.





More from Mihaaru