މިއަދު ޖައިޝަންކަރުއާ ނިއުދިއްލީން ބައްދަލު ކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ވަޒީރު ޖައިޝަންކަރާއި ބައްދަލު ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާ ލެއްވި ކަމަށްވެސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުވެން ހުރި ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް ފާއިތުވި ތަނުގައި ވެސް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާ ޖައިޝަންކަރު ވަނީ ރާއްޖެއަށް ވެސް ފައިދާވާނެހެން ކުޑަ އިންޓްރެސްޓުގައި އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ މި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ މެދު، ހާއްސަކޮށް ދެ ގައުމަށް ވެސް ފައިދާވާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނަން،" ޖައިޝަންކަރު ވިދާޅުވި އެވެ.ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން އިންޑިއާއިން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގަ ދިރިއުޅޭ ދިވެހިންނާވެސް ވަޒީރުގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެ އެވެ.އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އެގައުމަށް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލައްވާނީ މާދަމާއެވެ.